އަންނަ އަހަރު ރާއްޖެއަށް 2.4 ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއެމްއޭ އިން އާންމުކުރި ރިޕޯޓެއްގައި ވަނީ މިއަހަރުގެ ފުރަތަމަ 6 މަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންނާއި ގުޅޭ ތަފާސްހިސާބުތަކަށާއި، ވީއައިއޭ އައު ޓަރމިނަލާއެކު ރާއްޖޭގެ އިޤްތިޞާދަށް އަންނާނެ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.
މަރުކަޒީ ބޭންކުން ނެރުނު ރިޕޯޓުގައި ، މި އަހަރުގެ ފުރަތަމަ 6 މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 1،108،130 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 1،015،527 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 9.1 އިންސައްތަ އިތުރު އަދަދެކެވެ.
މީގެއިތުރުން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގެ އަދަދު ނުވަތަ ބެޑްނައިޓްސް ވެސް ނިމުނު އަހަރަށްވުރެ މި އަހަރު އިތުރުވެފައިވާ ކަމަށް އެމްއެމްއޭގެ ރިޕޯޓުތަކުން ދައްކައެވެ.
އެގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފަތުރުވެރިން ހޭދަކުރި ޗުއްޓީގެ ދުވަސްތަކުގެ އަދަދު އުޅެނީ 6،892،533 ގައި ކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 1.2 އިންސައްތަ އިތުރު އަދަދެކެވެ.



