ކިންގްސްޓަން ހޯލްޑިންގްސް އިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 1.5 މިލިއަން ރުފިޔާ ދައްކަން ކޯޓުން ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ވާގޮތުން ކިންގްސްޓަންއާއި އެމްއައިބީއާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައި ވަނީ ކިންގްސްޓަންއިންނެވެ.
މި އެއްބަސްވުމުގެ ދަށުން، އެމްއައިބީގެ ކަސްޓަމަރުންނަށް މުދާ ގަތުމަށް ކިންގްސްޓަންއަށް ދޫކުރި 1,143,621.19 ރުފިޔާއަށް ކަސްޓަމަރުންނަށް މުދާ ފޯރުކޮށްދީފައިނުވާ ކަމަށް އެ އަމުރުގައި ބުނެފައި ވެއެެވެ.
އަދި އޭގެ ސަބަބުން އެމްއައިބީއަށް ލިބުނު ގެއްލުމުގެ ބަދަލުގައި 369,145.87 ރުފިޔާ ދެއްކުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެހެންކަމުން ސިވިލް ކޯޓުން ވަނީ މި ޖުމްލަ އަދަދު ކިންގްސްޓަންއިން ހަ މަސްދުވަހުގެ ތެރޭގައި ދައްކަން ހުކުމް ކޮށްފައެވެ.
ކިންގްސްޓަންގެ މައްޗަށް މި ހުކުމް އައިސްފައި ވަނީ ސައިކަލު ވިއްކުމުގައި ދިމާވި މައްސަލަތަކަކާއި ގުޅިގެންނެވެ.
އެ ކުންފުނިން ބުނާ ގޮތުގައި އެގޮތަށް ދިމާވެފައި ވަނީ ޝިޕްމަންޓް ލަސްވުމުގެ ސަބަބުން ސައިކަލުތައް ރައްދުނުކުރެވުމުންނެވެ.
މިގޮތުން ގާތްގަނޑަކަށް 60 ސައިކަލު ރައްދުކުރަން ބާކީ އޮތް ކަމަށް އެ ކުންފުނިން ބުނެއެވެ.



