މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަކީ ކުށްމަދު ޤައުމުތަކުގައި މިހާރުވެސް ތަންފީޒު ކުރަމުންދާ ސިޔާސަތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މެންބަރު ސައްތާރު ވިދާޅުވީ މަސްތުވާތަކެތި ވިއްކައި އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށްޓަކައި މިހާރު އޮތް ބިލަށް އިސްލާޙުތައް ގެންނަވާނެކަން ސަރުކާރުން ހާމަކޮށްފައިވާ ކަމަށާއި، މަރުގެ އަދަބު ތަންފީޒު ކުރަން ސަރުކާރަކުން ބޭނުންވެއްޖެނަމަ އެކަން ކުރެވޭނެ ކަމަށެވެ.
”އަޅުގަނޑު ޤަބޫލު ކުރަނީ ސަރުކާރުން މިކަން ކުރަން ބޭނުންވެއްޖިއްޔާ ކުރެވޭނެ އަދި އެކަން ކުރާނެޔޭ“ މެންބަރު ސައްތާރު ވިދާޅުވިއެވެ.
މިހާރުވެސް މަރުގެ އަދަބު އިއްވާފައި ތިބި މީހުންނަށް އެ ޙުކުމް ތަންފީޒު ނުވާކަމަށް ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މެންބަރު ސައްތާރު ވިދާޅުވީ، އެ މައްސަލަ ތަކުގައިވެސް ތަންފީޒު ކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އަދި އެކި މައްސަލަތަކުގައި ޙާލަތު ތަފާތުކަމަށްވެސް އޭނާ ވިދާޅުވިއެވެ.




