އައްޑޫ އަތޮޅުން މަސް އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްކެއް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިފްކޯއިން ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން ގަންނަ މަހަށް ރާއްޖޭގައި ވެލިޔު އެޑްކުރުމުގެ ގާބިލުކަން ކުރިއެރުވުމަކީ، ދައުލަތާއި، މިފްކޯގެ އެންމެ، މުހިންމު އެއް އަމާޒެވެ.
“މިގޮތުން އައްޑޫއަތޮޅުން ގަންނަ މަސް ހުވަދުއަތޮޅަށް ގެންދިޔުމުގެ ބަދަލުގައި ސީދާ އައްޑު އަތޮޅުން އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި ފެށުމަށް ވަނީ ނިންމާފައި“ މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި އައްޑޫގައި މަހަށް ވެލިޔުއެޑް ކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މީގެއިތުރުން ގދ ތިނަދޫގައި ޤާއިމު ކުރަމުން އަންނަ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިފްކޯއިން ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.
އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއިން ގަތުމުގެ މަސައްކަތް ފެށުމަށްވެސް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓްރީން ހާމަކުރެެއެވެ.


