އައްޑޫ ސިޓީ ހިތަދޫ ހީނާމަގުގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭގައި ވިދާޅުވީ އައްޑޫ ސިޓީގައި ހިނގި އެ އެކްސިޑެންޓުގެ މައުލޫމާތު ރޭ 9:17 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވި އަންހެނަކަށާއި އަނެއް ސައިކަލު ދުއްވަން އިން އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކަށާއި އޭނާގެ ފަހަތުގައި އިން ފިރިހެން ކުއްޖަކަށް ވެސް އަނިޔާ ވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގެ ސަބަބުން އަނިޔާވި އެންމެންނަަށް އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.




