ރަށްރަށުގެ މަގުތައް ހަދާއިރު ތާރު އެޅުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށާއި، ރަށްރަށުގެ މަގުތައް ހަދަންވާނީ ޤުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަމަދޫއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ކަމަދޫގެ މަގުތައް ހެދުމުގެ ވާހަކައަށް އިޝާރާތް ކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރަށްރަށުގެ މަގުތައް ހަދާއިރު ގުދުރަތީ އަސްލު ސިފަ ގެއްލޭ ގޮތަށް ގާ އެތުރުން ނުވަތަ ތާރު އެޅުމަކީ އެމަނިކުފާނު ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ.
”ކޮންމެހެން މާ ހާޑް ސާފޭސްއެއް ގޮތަށް ތާރުއެޅުން ގާއަތުރައިގެން ކޮންމެހެން މަގުތައް ހެދުމަކީ މާ މުހިންމު ކަމެއް ނޫން. އަދި އެހާ ރަނގަޅު ކަމެއް ވެސް ނޫން. ޚާއްސަކޮށް މިގޮތަށް ޓޫރިޒަމް ފުޅާވެގެން އަންނަ ރަށްތަކުގައި ބަލަންވާނީ ވީހާވެސް ބޮޑަކަށް ރަށުގެ ޤުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް މަގުތައް ހެދޭތޯ“ ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ކަމަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.
އެގޮތުން ރައްޔިތުން ބޭނުންވަނީ މަގުތައް ރީތިކޮށް ބޭއްވި، އެހެންނަމަވެސް ފެން ބަރާބަރަށް ހިންދޭ ޑްރެއިނޭޖް ނިޒާމެއްގެ ތެރެެެއިން މަގުތައް ދެމެހެއްޓުން ކަމަށްވަންޏާ، އެ މަސައްކަތް ކުރިއަށްދާނީ އެގޮތަށް ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.



