އދ. ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާ މިހާރު ކޮންޓްރޯލު ކޮށްފިއެވެ.
އެމްއެންޑީއެފް އިން ކުރިން ބުނި ގޮތުގައި، ކުޑަރަށް ރިސޯޓިގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:52 ހާއިރު ކަމަށާއި އަދި، ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް މާލެއިން ފުރާފައިވަނީ 11:05 ހާއިރު ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ސިފައިންގެ ފަޔަރ ފައިޓަރުން ވަނީ އެ ރިސޯޓަށް ދިޔުމަށް ފުރާފައެވެ.
އެމްއެންޑީއެފް އިން މި ހާދިސާގެ އަދާހަމައެއް ދެމުން ދާދިދެންމެއަކު ބުނީ، ކުޑަރަށް ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާ މިހާރު ވަނީ ކޮންޓްރޯލްކުރެވިފައި ކަމަށެވެ.
މީގެއިތުރުން އެ ރިސޯޓުގައި، އަލިފާން ރޯވި ސަރަހައްދުގައި ވިލަމެންދޫ ރިސޯޓާއި ސަންޓާރާ ރިސޯޓުގެ ފަޔަރ ޓީމުތަކުން ހަރަކާތްތެރިވަމުންދާ ކަމަށާއި އެމްއެންޑީއެފް މާމިގިލީ ފަޔަރ ސްޓޭޝަންގެ ޓީމެއް ވެސް އެ ރިސޯޓަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.



