ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ބ. އަތޮޅަށް މިއަދު ފެއްޓެވި 4 ދުވަހުގެ ދަތުރުފުޅުގެތެރެއިންނެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ޕްރީ ސްކޫލްގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި ކަމަދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި، ރަށަށް އައު ސްކޫލެއް ބޭނުންވާކަން ހާމަކުރައްވާފައެވެ.
އަދި ކަމަދޫގެ ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއް ބޭނުންވާކަމަށާއި ކަމަދޫ ކައުންސިލްގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެ ބޭފުޅުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ރަށުގެ ޞިއްޙީ މަރުކަޒުގައި ޖާގައިގެ ދަތިކަން އޮތް މިންވަރު ފާހަގަކުރައްވައި، އެ ސެންޓަރު އަޕްގްރޭޑް ކުރުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ކަމަދޫގެ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށާއި ރަށުގައި މިސްކިތެއް ބިނާކޮށްދެއްވުމަށް ކައުންސިލް މެންބަރުން އެދިވަޑައިގެންނެވިއެވެ.
ހަމައެހެންމެ ކައުންސިލުން ވަނީ، ރަށު ބަނދަރުގެ މަސައްކަތުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވައި، ބަނދަރުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.




