ބ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުޑަރިކިލަށް ވަޑައިގަންނަވައިފިއެވެ.
ރައީސް މުޢިއްޒު ކުޑަރިކިލަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ކުޑަރިކިލުގެ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާވެސް ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށްދިނުމާއި ކައިރީގައި އޮތް ފިނޮޅު، ރަށު ރައްޔިތުންގެ ބޭނުމަށް ހޯދައިދެއްވުމަށާއި ރަށްގިރުމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވުން ހިމެނެއެވެ.

މީގެއިތުރުން ސްކޫލްގެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމާއި މި މަސައްކަތުގެ އިތުރަށް، ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް ގާއިމުކޮށްދެއްވުމަށާއި ރަށު އިންޖީނުގެއާއި، ދުރު ހިސާބުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ހުރި ދަތިތަކުގެ މައްޗަށް އެ ބޭފުޅުން އަލިއަޅުއްވައިލެއްވިއެވެ. އަދި ރަށު ކައުންސިލާއި ޞިއްޙީ މަރުކަރުގެ ޖާގައިގެ ދަތިކަމުގެ ކަންބޮޑުވުން މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ވަނީ ރައީސް މުޢިއްޒުއާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.



