މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ގެއްލުނު 14 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހެއްކާއެކު ހޯދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފެންމަތިވި މި ޚިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަކަށް ފަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ނުއަގުގައި ވިއްކައިގެން ދައުލަތަށް 1.4 ބިލިއަން ރުފިޔާ ގެއްލިފައިވެއެވެ.
އެމްޕީއެލަށް އެފްއެސްއެމުން ވިއްކި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވާ މައްސަލައިގައި މާލިއްޔަތު ކޮމިޓީގެ ދިރާސާއަށް ފަހު އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން މަޖިލިހުގެ ނައިބު ރައީސް ނާޒިމް މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހޯދިފައިވާ ކަމަށެވެ.
”އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ، އެ ބޭނުންކުރި ފަރާތްތައް އަޅުގަނޑުމެންނަށް ވަނީ ހެއްކާއި ގަރީނާ އެކު ޝައްކެއް ނެތް މިންވަރަށް ހޯދިފައި“ މެންބަރު ނާޒިމް ވިދާޅުވިއެވެ.



