ބ. ތުޅާދޫ އެއަރޕޯޓު ތަރައްޤީ ކުރުމަށް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 570.2 މިލިޔަން ރުފިޔާއަށެވެ.
އަދި މި މަސައްކަތް ނިންމުމަށް ދީފައިވަނީ 660 ދުވަހެވެ.
ތުޅާދޫގައި ތަރައްޤީކުރާ އެއަރޕޯޓަކީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއެކު ކޯޑް 3C އަށް ތަރައްޤީކުރާ އެއަރޕޯޓެކެވެ. މި މަސައްކަތަށް 55.4 ހެކްޓަރުގެ ބިން ހިއްކައި، 2804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1677 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖަހާނެ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަޙައްދަކުންވިޔަސް އެންމެ ގިނައިރު ވެގެން 30 މިނެޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއަރޕޯޓެއް ޤާއިމުކޮށް، ޤައުމީ ޑޮމެސްޓިކް އެއަރޕޯޓް ވިއުގާ ފުޅާކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.




