ޕްލާސްޓިކް މަދުކުރުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެކި މަރުހަލާތަކަށް ބަހާ، ގިނަ މަސައްކަތްތަކެއް ކުރާތާ އަހަރުތަކެއް ވެއްޖެއެވެ.
އެ ކުންފުނިން އެކަމަށް އެންމެ ފުރަތަމަ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރު އެވެ. އެ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ފާމަސީތަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ވަނީ ހުއްޓާލާފައެވެ. އަދި 2022 ވަނަ އަހަރު އެސްޓީއޯ ޕީޕަލްސް ޗޮއިސުންނާއި ރީޖަނަލް ފިހާރަތަކުން ވެސް ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ވަނީ ފަށާފައެވެ.
ހަމަ އެ އަހަރު، ”ޕްލާސްޓިކް ނޫންގޮތެއް“ ގެ ނަމުގައި ފެށި ކެމްޕެއިނުން ފޮތި ކޮތަޅު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ހަދިޔާއެއް ދީ، އަމިއްލަ ކޮތަޅު ހިފައިން ވިޔަފާރި ކުރަން އައުމަށް ހިތްވަރުދީ ޕްލާސްޓިކާ ދުރުވުމަށް އެސްޓީއޯ އިން އިތުރަށް ބާރުއެޅިއެވެ.
ޕްލާސްޓިކް މަދުކުރުމަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 2 މިލިއަނެއްހައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލެވުނެވެ.
ސަރުކާރުން ޕްލާސްޓިކް ކޮތަޅުން ފީނަގަން ރަސްމީ ސިފައެއްގައި ފެށީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. އެހެންނަމަވެސް 10 ވަރަކަށް މަސް ކުރިން އެސްޓީއޯއިން އިސްނަގައިގެން ފެށި މި މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ އާއްމުންގެ މެދުގައި މި ބަދަލަކީ ވެދާނެ ކަމެއްކަމުގައި ދެކެވެން ފެށުމެވެ. ކަސްޓަމަރުންގެ ނުތަނަވަސްކަމާ އެކު ފެށި މި މަސައްކަތް މިއަދު މިވަނީ އާއްމުންގެ އެއްބާރުލުން ލިބޭ އާއްމުން ވިޔަފާރި ކުރަމުން އައި ގޮތް ބަދަލުކޮށްލި މަސައްކަތަކަށެވެ.
އެގޮތުން މިއަދާ ހަމައަށް އާދެވުނުއިރު، ފާއިތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު ކަމާއިއެކު ޕްލާސްޓިކް ކޮތަޅުގެ އަދަދު މަދުކޮށް، އެސްޓީއޯ އިން ވަނީ އަހަރަކު ދެ މިލިއަނެއްހާ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލާފަ އެވެ. އަދި ޕްލާސްޓިކް ނޫން ގޮތެއް އޮތްކަން އެ ކުންފުނިން ވަނީ އާއްމުންނަށް ކަށަވަރު ކޮށްދީފައެވެ.



