ޙައްޖާއި ގުޅޭ ކަންކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން އަންނަނީ އިންގިލާބީ ބަދަލުތަކެއް ގެންނަމުންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ޙާޒިރުވެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ، ޙައްޖުގެ ކަންކަމަށް ލުއިފަސޭހަކަން ގެނައުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން 1446 ވަނަ އަހަރު ދިވެހި ޙައްޖުވެރިން ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންކަމަށާއި މިކަމުގެ ސަބަބަބުން ދިވެހި ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު އެތައް ގަޑިއިރަކުން ދެތިން މިނެޓަށް ކުޑަކުރެވުނު ކަމަށެވެ.
މީގެއިތުރުން ޙައްޖުވެރިން މަައްކާއިން މަދީނާއަށް ކުރައްވާ ދަތުރު ރައީސް މުޢިއްޒުގެ ސީދާ ނިންމެވުމާއެކު ހައި ސްޕީޑް ޓްރެއިންގައި ކުރާ ގޮތަށް ނިންމާ ފާއިތުވެދިޔަ ޙައްޖު މޫސުމުގައި އެގޮތަށް ޢަމަލުކޮށްފައިވާކަމަށާއި މީގެ ކުރިން 8 ގަޑިއިރު ބަހުގައި ކުރާ ދަތުރު ޓްރެއިންގައި 2 ގަޑިއިރަށް ކުޑަކުރެވިފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ޝަހީމްގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖޭގެ ޙައްޖާއި ގުޅޭ ކަންކަމުގައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.




