ބ. ތުޅާދޫގައި ފުލުހުންގެ މަރުކަޒެއް ބިނާ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު އެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.
ތުޅާދޫގައި ބިނާކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައިވަނީ އެ އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވަނީ މި ދަތުރުފުޅުގައި ތުޅާދޫއަށް މިއަދު ވަޑައިގެން، ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާގައި ބައިވެރިވެވަޑައިގެންފައެވެ.
ތުޅާދޫގައި ބިނާ ކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ މަރުކަޒެއް ގާއިމް ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެއް ވައުދުފުޅެވެ.



