ބ. ގޮއިދޫ ޞިއްޙީ މަރުކަޒާއި ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށްދޭން އެދިއްޖެއެވެ.
ގޮއިދޫ ކައުންސިލުން އެކަމަށް އެދިވަޑައިގެންފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު ގޮއިދޫ ކައުންސިލާއި އތމ. ކޮމިޓީ އަދި ރަށުގެ މުއައްްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
މި ބައްދަލު ކުރެއްވުމުގައި، ކައުންސިލުން ވަނީ، ރަށުގެ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް، ބައެއް ވަޞީލަތްތައް ގާއިމުކުރުމާއި އަވަށު މެދުގައި ފެނަކަ ހުރުމުގެ ސަބަބުން ދިމާވާ ދަތިތައް ފާހަގަކުރައްވާފައެވެ.
އަދި ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމާއި ފެނަކައިގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެނަކައަށް އައު އޮފީސް އިމާރާތެއް ބޭނުންވާކަންވެސް އެ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ ރަށުގެ ޓޫރިޒަމް ޒޯނަށް ކަރަންޓު ދެވޭނެ ގޮތެއް ވީހާވެސް އަވަހަކަށް ހަދައިދިނުމާއެކު އިކޯ ޓޫރިޒަމަށް ފުރުޞަތު ހޯދައިދިނުމަށްވެސް އެ ކައުންސިލުން ވަނީ އެދިފައެވެ.
ގޮއިދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ސްޓާފް ރޫމްގެ މަސައްކަތް ހުއްޓިފައި އޮތުމުގެ އިތުރުން ސްކޫލްގެ ކަރަންޓުގެ ހާލަތުގެ ކަންބޮޑުވުންވެސް ގޮއިދޫ ކައުންސިލުން މި ބައްދަލުކުރެއްވުމުގައި ފާޅުކުރައްވާފައި ވެއެވެ.
މީގެއިތުރުން ކައުންސިލްގެ ފަރާތުން ވަނީ ސްކޫލް މަލްޓިޕާޕަސް ހޯލާއި ސްޕޯޓްސް ކަނދުފަތީގެ އަޕްޑޭޓެއް ލިބެން ބޭނުންވާކަން ހާމަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.



