މި އަހަރުގެ ތެރޭގައި ބ. ފެހެންދޫގައި ކުޅިވަރުގެ ހަތަރު މަޝްރޫއެއްގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރާއްޖޭގެ އެންމެ މީސް މަދު އެއް ރަށް ކަމަށްވާ، އެ އަތޮޅު ފެހެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްތައް ކަށަވަރުކޮށްދެއްވުމުގައި، ރަށެއްގެ ކުޑަބޮޑުމިނުގެ ސަބަބުން އިސްތިސްނާ ކުރެއްވުމެއް ނެތި، ކޮންމެ ރަށެއްގައިވެސް އާބާދީގެ ނިސްބަތުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވުމަކީ އެ މަނިކުފާނުގެ ސިޔާސަތު ކަމަށެވެ.
މީގެ އިތުރުން ސިއްޙަތާއި ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކެއްވެސް މި އަހަރާއި އަންނަ އަހަރަށް އެކަށައަޅުއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
“ ފެހެންދޫ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަނާއި ވަޞީލަތްތައް ފުރިހަމަ ކުރުމުގެ މަޝްރޫޢު މި އަހަރު ފައްޓަވާނަން، ފުލް ސައިޒް ފުޓުބޯލަ ދަނޑެއް ހެދުމާއި، ފުޓްސަލް ދަނޑުގެ ޕިޗު އާކުރުމާއި، ވޮލީ ކޯޓު އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުމާއި، އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް މި އަހަރު ފައްޓަވާނަން“ ރައީސް ވިދާޅުވިއެވެ.



