މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ހަތަރު ބިދޭސީއަކު ފުލުހުން ހައްޔަރުކޮށް، އެމީހުން ޑީޕޯޓުުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާ / މުތުމަގޭޝް މުރުގާން (32އ) އާއި އިންޑިއާ / ދޭވާރާޖް ޖެބްރާޖް (42އ) އާއި އިންޑިއާ / ޒެނިތް ފްރެންސިސް (38އ) ގެ އިތުރުން ބަންގްލަދޭޝް / އަބްދުލް މަންނާން (37އ) އެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މި އޮގަސްޓު މަހުގެ 11 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ 511 ފުޅިއާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނައަދަދެއްގެ ފައިސާއާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.




