ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް ސީދާ ސުވާލަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހްމަދު ނަސީމް، މިއަދުގެ މަޖިލިސް ޖަލްސާގައި ހިތްހަމަނުޖެހުން ފާޅުކުރައްވައި އަޑުގަދަކުރެއްވުމުގެ ސަބަބުން ނަން އިއްވައި ތަޅުމުން ބޭރުކޮށްފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި އެންމެ ފުރަތަމަ އެޖެންޑާ ކޮށްފައި އޮތީ މެންބަރު މީކާއިލް، ފޮރިން މިނިސްޓަރާ ސުވާލު ކުރެއްވުމެވެ.
އެގޮތުން މީކާއިލް ސުވާލު ކުރައްވާފައިވަނީ، ސައޫދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، މިދިޔަ މޭ މަހުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ޕްރިންސް ފަހަދް ސައުސު އަލްޝަލަން އަކީ ސައޫދީގެ ޝާހީ އާއިލާގެ ބޭފުޅެއްތޯ އާއި އެ ބައްދަލުވުމުގައި ސައޫދީގެ އެމްބަސީން ބައިވެރިނުވީ ކީއްވެތޯއާއި، ސައޫދީގެ ގުޅުމަށް އެއްވެސް އަސަރެއް ކޮށްފައިވޭތޯއެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ އިދިކޮޅުން ބޭރުގެ ބައެއް އިންވެސްޓަރުންގެ އަގު ވައްޓާލަން މަސައްކަތްކުރާ ކަމަށެވެ. ނުސީދާކޮށް ޚަލީލް މީކާއީލަށް ވިދާޅުވީ، ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އިންވެސްޓަރުންގެ އަގު ވެއްޓޭ ފަދަ ވާހަކަ ދެއްކެވުން ރަނގަޅު ނޫން ކަމަށެވެ.
”އެހެންވީމާ ވަރަށް ޚާއްސަ ސަމާލުކަމެއް އަޅުގަނޑުމެން ދޭންވާނެ، ރާއްޖެއަށް އިންވެސްޓަރުން ގެނެވޭނެ، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކުރެވޭނެ ގޮތްގޮތަށް ކުރިއަށް ގެންދިއުން،“ މިނިސްޓަރު ޚަލީލް ޖަވާބުގައި ވިދާޅުވިއެވެ.
ޚަލީލް މިހެން ވިދާޅުވުމާއެކު، މީކާއީލްގެ ސުވާލަށް ޖަވާބު ނުލިބޭ ކަމަށް ވިދާޅުވެ، ހިތްހަމަނުޖެހުން ފާޅުކުރައްވަން ފެށްޓެވިއެވެ. އެއާއެކު، ނިޒާމީ ނުކުތާއެއް ނަންގަވައި މީކާއީލް ވިދާޅުވީ، ޚަލީލާ ކުރެއްވި ސުވާލަށް ޖަވާބު ނުދެއްވާ ކަމަށެވެ.
ނަމަވެސް ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، ރިޔާސަތުން ޤަބޫލު ކުރެއްވީ މިނިސްޓަރު ޖަވާބު ދެއްވި ކަމަށް ކަމަށެވެ.
އޭގެ ފަހުން ވެސް މީކާއީލް އަޑުގަދަކުރައްވަމުން ގެންދެވުމުން، ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގަތުމަށް ފަހު އަބްދުއްރަހީމް ވަނީ މީކާއީލްގެ ނަން އިއްވަވައި، ތަޅުމުން ބޭރުކޮށްފައެވެ.



