ބ. ހިތާދޫ ބިންހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހިތާދޫގައި 15 ހެކްޓަރުގެ ބިންހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ހިއްކާ ބިމުގެ ވަށައިގެން 691 މީޓަރުގެ ރިވެޓްމަންޓާއި 25 މީޓަރުގެ 6 ފައިކަށި ލުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 137 މިލިޔަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމާގޮތަށެވެ.
ހިތާދޫ ބިންހިއްކުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.
މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިތާދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.
ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތަށްފަހު އެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ސޮއި ކުރެވުނު ބިން ހިއްކުމުގެ މަޝްރޫޢުއަކީ ބިމުގެ ޖާގަ އިތުރުކުރެވެން އޮތް އެންމެ ބޮޑު މިނަކަށް އިތުރުކުރުމަށްޓަކައި ސޮއިކުރެވިގެން ދިޔަ އެއްބަސްވުމެއް ކަމަށެވެ.
“ މި މަޝްރޫޢު ނިމިގެން ދިޔުމުން ތިބޭފުޅުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެކަމީ އަޅުގަނޑު ޔަޤީންކުރާކަމެއް“ ރައީސް ވިދާޅުވެފައި ވެއެވެ.


