ޒަކާތާގުޅޭ ކަންކަން ހަރުދަނާކުރުމަށްޓަކައި ޒަކާތުގެ ޤާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގެންފިއެވެ.
މި ބިލް މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދުއެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ މި މަހުގެ11 ވަނަ ދުވަހުއެވެ.
މި ބިލުގެ މަގްސަދަކީ ދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.
އެގޮތުން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް 72 މެމްބަރުންގެ ވޯޓުން އެ ބިލު ވަނީ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރަން ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައެވެ.
އެ ބިލު ފާސްވުމުން ޒަކާތުގެ ބާވަތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައަޅައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި އެ ފައިސާ ބޭނުންކުރުމާ ގުޅޭ ޢާންމު އުޞޫލުތައް ކަނޑައަޅާނެއެވެ.
މި ބިލު ފާސްވެއްޖެނަމަ އެކުލަވާލާ ޤާނޫނުގެ ދަށުން ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން ޒަކާތާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނެފައި ވެއެވެ.
އަދި ޒަކާތުގެ ބިލުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި 9 މެންބަރުން ތިއްބަވާ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
ހަމައެހެންމެ ޒަކާތާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރެއްގެ މަސްއޫލިއްޔަތުތައްވެސް އެ ބިލުގައި ކަނޑައަޅާފައި ވެއެވެ.
މީގެ އިތުރުން އެ އިސްލާހުގައިވާގޮތުން ޒަކާތުގެ ބެހެނިވެރިއަކަށް ނުވާ ފަރާތަކަށް ޒަކާތުގެ ފައިސާ ދޫކުރުމާއި ހުއްދަ ކުރާ ބޭނުންތަކަށް ފިޔަވައި އިތުރު ކަމަކަށް އެ ފައިސާއިން އިންވެސްޓްކޮށްފި ނަމަ 1،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.




