ބ. އަތޮޅުގެ ރަށްތަކަށް މިދިޔަ ހޯމަ ދުވަހު ފެއްޓއވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާޅޮހަށް މިއަދު ވަޑައިގެންފިއެވެ.
މިއީ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އެންމެ ފަހު މަންޒިލެވެ.
ރައީސް މުޢިއްޒު މާޅޮހަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން މާޅޮހުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާޅޮހުގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިމަހުގެ 11އިން 14އަށް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ރައީސްވަނީ ވަޑައިގަންނަވާފައެވެ. އެއީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހެވެ.
ރައީސް މުޢިއްޒުގެ އަރިހުގައި މިދަތުރުފުޅުގައި، ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


