ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހިދުމަތް ދޭން ފަށައިފިއެވެ.
މި ހިދުމަތް އެ އަތޮޅުގެ ހުރިހާ ރަށަކަށް ދޭން ފަށާފައިމިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި މަހުގެ 11 އިން 14 އަށް ބ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.
”މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް“ މަޝްރޫޢު އަކީ މިދިޔަ އަހަރު ނޮވެމްބަރު މަހު ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބީއެމްއެލް އިން ފަށާފައިވާ މަޝްރޫޢުއެކެވެ.
އެގޮތުން މިމަޝްރޫޢުގެ ދަށުން މިއަހަރު މިހާތަނަށް 47 ރަށުގައި އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށާފައިވާއިރު، މިއީ އަސާސީ ބޭންކިން ޚިދުމަތް ރަށްތަކުގެ ރައްޔިތުންނަށް ދިނުމަށް ފަށާފައިވާ މަޝްރޫޢުއެއް ކަމަށް އެ ބޭންކުން ބުންޏެވެ.
އެގޮތުން ބ. އަތޮޅުގައި މީހުން ދިރިއުޅޭ 10 ރަށެއްގައި މިހާރު އޭޓީއެމްގެ ހިދުމަތް ވަނީ ދޭން ފަށާފައެވެ.
މިއީ އަސާސީ ބޭންކިންގެ ހުރިހާ ޚިދުމަތެއް ދެވޭ 24 ގަޑިިއިރު ފައިސާ ޖަމަޢުކޮށް ފައިސާ ނެގޭ އޭޓީއެމް ތަކެކެވެ. އަދި އޭޓީއެމްތަކުން، ލޯނުތަކަށް ފައިސާ ދައްކާ ކްރެޑިޓް ކާޑަށްވެސް ފައިސާ ދެއްކޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުންޏެވެ.




