ބ. މާޅޮހުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައިފިއެވެ.
މާޅޮހުގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
މާޅޮހު ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާޅޮހަށް ވަޑައިގަތުމުންނެވެ.
އެގޮތުން މާޅޮހުގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފުލުހުންގެ މަރުކަޒުގެ ބިންގާއަޅުއްވައިދެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާންއެވެ.
ހޯމް މިނިސްޓަރުގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއާއި، އެމްޓީސީސީ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީ އާއި މާޅޮހު ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގަތެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.



