ބ. އަތޮޅު މާޅޮހުގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ، ބ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް މިދިޔަ ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާޅޮހަށް މިއަދު ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ މާޅޮހުގެ މަގުތައް ހަދާނީ ރައްޔިތުން ބޭނުންވާ ކޮންސެޕްޓަކަށް ކަމަށެވެ.
ބައެއް ރަށްރަށުގެ ރައްޔިތުން މަގުތަކުގައި ތާރު އަޅައި، ގައު އަތުރަންވެސް ބޭނުންނުވާ ކަމަށާއި ހަމައެކަނި ބޭނުންވަނީ މަގުތަކުން ފެން ހިންދޭނެ ގޮތެއް ހުރުންކަން ފާހަގަ ކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ، ލޯކަލް ޓޫރިޒަމް ފައްކާވަމުން އަންނަ ރަށްރަށުން ބޭނުންވަނީ އެގޮތް ކަމަށެވެ.
”ކޮންމެ ކޮންސެޕްޓަކަށް ރައްޔިތުން ބޭނުންވި ކަމުގައިވިޔަސް އެގޮތަކަށް މަގުތައް ހަދައިދޭން އަޅުގަނޑުމެން އޮންނާނީ ނިންމާފަ.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރަށްރަށުގެ މަގުތައް ތަރައްގީ ކުރުމަށް ތާރު އެޅުމަކީ މުހިންމު ކަމެއްކަމުގައި ދެކެވަޑައިނުގަންނަވާ ކަމުގައި މީގެކުރިންވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެކަނިކުފާނު ވިދާޅުވީ، އޭގެބަދަލުގައި ރަށްރަށުގެ ގުދުރަތީ ރީތިކަން ފެންނަން މާބޮޑަށް އެދިލައްވާ ކަމަށެވެ.


