ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށް ކަމަށްވާ، ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށް ޒިޔާރަތްކުރައްވާފައިވެއެވެ.
ރައީސް ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަނީ މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ތަޢާރަފުކުރައްވާފައެވެ. އަދި އެ އަތޮޅު މާޅޮސް، ފެހެންދޫ، ތުޅާދޫ އަދި ގޮއިދޫގައި ފުލުހުންގެ މަރުކަޒުތައް ޢިމާރާތްކުރުމުގެ މަސައްކަތްވެސް ވަނީ ރަސްމީގޮތުން ފައްޓަވާފައެވެ.
މާމަޑުއްވަރީ ހިތާދޫއާ ހަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި އެ އަތޮޅު އިންނަފުށި ފުޅަދޫއާ ހަވާލުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސް ވަނީ މި ދަތުރުފުޅުގައި އިޢުލާން ކުރައްވާފައެވެ. އަދި ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ދަރަވަންދޫ އެއަރޕޯޓު އަޕްގްރޭޑްކުރެއްވުމުގެ މަސައްކަތް ކުރައްވާނޭކަން އެ މަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުންވެސް އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، އެކި ދާއިރާތަކުން، ތަރައްޤީގެ މަސައްކަތްތައް ފެއްޓެވުމާއި، އެއްބަސްވުންތަކުގައި ސޮއިކުރެއްވުން މި ދަތުރުފުޅުގައި ވަނީ ކުރިއަށްގެންދަވާފައެވެ.
މި ހިނގާ 2025 ވަނަ އަހަރާއި ކުރިއަށް އޮތް އަހަރު، ރަށްރަށުގައި ހިންގެވުމަށް ތާވަލުކުރައްވާފައިވާ މަސައްކަތްތަކުގެ އަދާހަމަ ރައީސް އެ ރަށްރަށުގެ ރައްޔިތުންނާ ވަނީ ހިއްސާކުރައްވާފައެވެ.
މި ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުންތަކުގައި ރައީސް ދެއްކެވި ވާހަކަފުޅުތަކުގައި، ޙަޤީޤީ މާނައިގައި ލާމަރުކަޒީ ނިޒާމު ޤާއިމުކުރައްވައި، ރައްޔިތުން ބާރުވެރިކުރުމަށް އެ މަނިކުފާނު ގެންގުޅުއްވާ ސިޔާސަތު ތަކުރާރު ކުރައްވާފައި ވެއެވެ.
ތަރައްޤީގެ ތަޞައްވުރު ޙަޤީޤަތަށް ހެދުމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އެ މަނިކުފާނު އަލިއަޅުއްވާލައްވާފައި ވެއެވެ.



