ބ. މާޅޮހުގައި ބިނާކުރާ 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު މާޅޮހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި މާޅޮހުގެ މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މިނިސްޓަރު ޝަހީމްގެ އަރިހުގައި އެމްޓީސީސީ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީ އަދި މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ސުޖާއުވެސް ބައިވެރިވެވަޑައިގަތެވެ.
މާޅޮހުގައި ބިނާކުރާ 500 މީހުންގެ ޖާގައިގެ މިސްކިތް ނިމޭއިރު ސޯލަރ ހަރުކޮށް މުޅި މިސްކިތް އޭސީ ކުރާނެއެވެ. އަދި ޤުރުއާން ކިޔަވައިދޭނެ ކުލާސް ރޫމާކާއި އިތުރު ވަސީލަތްތައް ޤާއިމްކުރެވިގެން ދާނެ ކަމަށެވެ.
500 މީހުންގެ ޖާގައިގެ އެ މިސްކިތް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.



