މެދުއިރުމައްޗަށް އަތްގަދަކުރުމަށް ޔަހޫދީން އިއުލާންކުރި ”ވިޝަން އޮފް ގްރޭޓަރ އިސްރާއިލް“ އެންމެ ހަރުކަށި އިބާރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުށްވެރި ކުރައްވައިފިއެވެ.
ރައީސް މުޢިއްޒު އެކަން ކުށްވެރިކުރައްވާފައި ވަނީ ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ފަލަސްތީނުގެ ބިންތަކަށް އަތްގަދަކުރުމަށް ޔަހޫދީ އިސްތިއުމާރީ ބާރުތަކުން އިއުލާންކުރި ”ވިޝަން އޮފް ގްރޭޓަރ އިސްރާއިލް“ އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަން ހާމަކުރައްވާފައެވެ.
“ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އެ ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތި ހާލުން އަރައިގަތުމަށް ބައިނަލްއަޤްވާމީގޮތުން ގުޅިގެން އަވަސް މަސައްކަތްތަކެއް ކުރަން ޖެހޭ“ ރައީސް ވިދާޅުވެފައި ވެއެވެ.
ހަމައެހެންމެ ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށް ރައީސް ވަނީ ތަކުރާރު ކުރައްވާފައެވެ.
މިގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ހަމަޖެހުމާއި ސަލާމަތް ހޯދުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން ދެމި އޮންނާނެކަމަށް ރައީސްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.



