މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 92 ފަރާތަކުން ނަން ހުށަހަޅައިފިއެވެ.
މި އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށެވެ.
ނޫސްމަޖައްލާ ކެޓަގަރީ އާއި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީން 14 ދާއިރާއަކަށް ކުރިމަތިލުމަށް އޭރު ހުޅުވާލިއެވެ. އެއީ:
(1) ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ
(2) އިޖުތިމާއީ ދާއިރާ
(3) ސިޔާސީ ދާއިރާ
(4) ޝަރުއީ ދާއިރާ އާއި ގާނޫނީ ދާއިރާ
(5) ވިޔަފާރި އާއި އިގުތިސާދީ ދާއިރާ
(6) ކުޅިވަރުގެ ދާއިރާ
(7) ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
(8) ޑޮކިއުމަންޓްރީގެ ދާއިރާ
(9) ފީޗާ ރިޕޯޓުގެ ދާއިރާ
(10) ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
(11) ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ
(12) އުންމީދީ ނޫސްވެރިޔާގެ އިނާމު
(13) އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
(14) ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
މީގެ އިތުރުން އެ އިނާމަށް ނަން ހުށަހަޅާ ފޯމާއި އަދި މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް އެމްއެމްސީން ވަނީ އާންމުކޮށްފައެވެ.
އަދި އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ދެ ފަހަރެއްގެ މަތިން ހުޅުވާލާފައި ވެއެވެ.



