ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު 1،202 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެ ކޯޕަރޭޝަނުން ތަރައްޤީކުރި 4,000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ދަށުން 1000 އަށް ވުރެ ގިނަ ފަރާތްތަކަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެގޮތުން އެފްޑީސީން ބުނީ މިހާތަނަށް 1202 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ. އަދި ޖުމްލަ 1530 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ތަވާލުކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
އެފްޑީސީން ބުނީ މިއީ އެ ކޯޕަރޭޝަނަށް ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.
ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅަނީ ހައުސިންގ މިނިސްޓްރީން ކަމަށްވާއިރު، މިހާތަނަށް 2،665 މީހުންގެ ލިސްޓެއް އެ މިނިސްޓްރީން އެފްޑީސީއަށް ވަނީ ފޮނުވާފައެވެ.
މި 4،000 ފްލެޓު މަޝްރޫޢުގެ ކޮންޓްރެކްޓަރުންނަކީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ.
16 ޓަވަރު ހިމެނޭ މި މަޝްރޫޢުގެ 96 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.



