މިހާރު އަރަމުން އަންނަ އެކްޓްރެސް މްރޫނަލް ތާކޫރް، ބޮލީވުޑްގެ އެކްޓްރެސް ބިޕާޝާ ބާސޫ ހުންނަ ގޮތާމެދު ފާޑުކިޔައި އޭނާއަށް ވަރަށް ބޮޑަށް ޖޯކު ޖަހާފައިވާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، ގިނަ ބައެއްގެ ރުޅިވެރިކަން މްރޫނަލްއަށް އަމާޒުވެއްޖެއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، އެއީ އަހަރުތަކެއް ކުރީގެ ވީޑިއޯއެކެވެ. އޭގައި މްރޫނަލް ބުނެފައިވަނީ، ބިޕާޝާގެ ހަށިގަނޑު ހުންނަނީ ވަރަށް ވަރުގަދަކޮށް ފިރިހެންވަންތަ ގޮތަކަށް ކަމަށާއި ބިޕާޝާއާ އަޅާކިޔާއިރު މްރޫނަލް އަކީ އެގޮތަށް ގައިގެ މަސްތައް ވަރުގަދަކޮށް ހުންނަ މީހެއް ނޫން ކަމަށެވެ. އަދި ބިޕާޝާ އަށްވުރެ މްރޫނަލް ފެންނަ ފެނުމަށް މާބޮޑަށް ވެސް ރަނގަޅު ކަމަށް ބުނެ އޭނާވަނީ ބިޕާޝާއަށް މަލާމަތް ކޮށްފައެވެ.
އެ ވީޑިއޯ އާންމުވިތާ މާގިނައިރެއްނުވެ ބިޕާޝާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ. އޭގައި ބިޕާޝާ ބުނެފައިވަނީ އެކަކު އަނެކަކު ކުރިއެރުވުމަށް މަސައްކަތްކޮށް އެހީތެރިވެދޭ އަންހެނުން ހިމެނެނީ ވަރަށް ހިތްވަރުގަދަ މީހުންގެ ތެރޭގައި ކަމަށެވެ.
މީގެއިތުރުން ހަމައެއާއެކު ކަސްރަތުކޮށް ހަށިގަނޑު ފިޓުކޮށް ބަހައްޓާ ގައިގެ މަސްތައް ވަރުގަދަވުމަކީ ވެސް އަންހެނުންނަށް ލިބިފައިވާ ރީތި ސިފައެއް ކަމަށާއި އެކަމުން އަންގައިދެނީ އެބައެއްގެ ހިތްވަރުގަދަކަން ކަމަށް ބިޕާޝާގެ ސޯޝަލް މީޑިއާ ޕޯސްޓުން ދޭހަކޮށްދެއެވެ. މި ޕޯސްޓަކީ ބަތަލާ މްރޫނަލްއަށް ނުސީދާކޮށް ބިޕާޝާ ދިން ރައްދެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ބިޕާޝާގެ ރައްދަށްފަހު މްރޫނަލް އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވަނީ، ކުރިން އޭނާއަށް ދެކެވުނު ވަަހަކަތަކަށް މާފަށް އެދިފައެވެ. އަދި އެއީ އޭނާގެ އުމުރުން އެންމެ 19 އަހަރުގައި (ރަނގަޅަށް ހެވާއިނުބައި ނުވިސްނި) ދެއްކި ވާހަކަތަކެއް ކަމަށާއި އޭނާގެ މަޤްސަދަކަށް އެއިރުވެސްވީ އެއްވެސް މީހަކު ދެރަކޮށްލުން ނޫން ކަމުގައި މްރޫނަލް ބުނެފައިވެއެވެ.




