ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްއާއި އޭނާގެ ދަރިކަލުންނާ ގުޅޭގޮތުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދާދި ފަހުން ދައްކަވާފައިވާ ވާހަކަތަކަކީ ”ބުހުތާން ދޮގު“ ކަމަށާއި އެވާހަކަތަކާ ގުޅިގެން ޤާނޫނީގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ މަޝްވަރާކުރަމުންދާ ކަމުގައި ޤާސިމް ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން މިއަދު ބުނެފިއެވެ.
ޖޭޕީން ބުނެފައިވަނީ، އަދަދު ނޫހުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ޔާމީން ވަނީ ޤާސިމްއާއި އޭނާގެ ދަރިކަލުންނާއި ބެހޭގޮތުން ސާބިތު ނުހިފޭ ދޮގުވާހަކަތަކެއް ދައްކަވާފައި ކަމަށާއި އެ ވާހަކަތަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
މީގެއިތުރުން އެ ވާހަކަތަކާ ގުޅިގެން ޔާމީންއާ ދެކޮޅަަށް ޤާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ އެ ޕާޓީގެ ޤާނޫނީ ބޭފުޅުންގެ ފަރާތުން ބަލަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.
މެންބަރު ޤާސިމްއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކުގެ ސަބަބުން ފިޔަވަޅު އަޅަން މަޝްވަރާ ކުރަމުންދާއިރު، ހަމަ އެ ޕްރޮގްރާމުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާބެހޭގޮތުން ވެސް ރައީސް ޔާމީން ދެއްކެވި ވާހަކަތަށް މައުމޫންގެ ފަރާތުން ވަނީ ދޮގުކުރައްވައި، ފިޔަވަޅު އަޅަން މަޝްވަރާ ކުރަމުންދާކަން ހާމަކޮށްފައެވެ.




