ދަރިކަލުން އަބްދުالله މާހިލް ޝަހީމް ވޭޕް ސާމާނު އެތެރެކުރިކަމަށް ބުނާ ވާހަކަ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ދޮގުކުރައްވައިފިއެވެ.
މާހިލް ރާއްޖެ އައުމުން ކަސްޓަމްސްއިން ޗެކުކުރި އިރު ވޭޕްއާ ގުޅޭ ތަކެތި ފެނުނުކަމަށް ބުނެ ރާއްޖޭގެ ނޫހަކުން އިއްޔެ ވަނީ ރިޕޯޓު ކޮށްފައެވެ.
އެ ހަބަރުގައި ބުނެފައިވަނީ، ވޭޕް ކުރާ ސާމާނު ފެނުނީ މާހިލް ރާއްޖެއަށް އައިއިރު ގެނައި ލަގެޖާއި ހަށިގަނޑުން ކަމަށާއި ވަރަށް ގިނަ އަދަދެއްގެ ވޭޕު ސާމާނު އޭނާގެ ހަށިގަނޑުގައި ބަނދެފައި ވެސް ހުރިކަމަށެވެ.
އެކަމާ ގުޅޭގޮތުން މިނިސްޓަރ ޝަހީމް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައިގައި ބަނދެގެން މާހިލް ވޭޕް ސާމާނު އެތެރެކުރި ކަމަށް ބުނެ ހަގީގަތާ ހިލާފަށް ވާހަކަތަށް ފެތުރުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ޝަހީމް ވަނީ، މާހިލްއަކީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ވަޒީފާ އަދާކުރާ މީހެއްކަމަށް ބުނެ އެ ނޫހުން ޝާއިއުކުރި ވާހަކަވެސް ދޮގުކުރައްވާފައެވެ.




