ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ)ގެ އައު ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ބިއޮންޑްއަށް ހިދުމަތް ދޭން ފަށައިފިއެވެ.
މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފުރަތަމަ ލަގްޒަރީ އެއާލައިނެވެ. އަދި މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ތިންވަނަ އެއާލައިން ވެސް މެއެވެ.
އެކަމަށްޓަކައި ޓާމިނަލް 1 ގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް، ޢަލީ ޢާރިފްއެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ބޯޑު މެންބަރުނާއި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާންގެ އިތުރުން ބިއޮންޑްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އަހުތަރު އަދި ބިއޮންޑްގެ ސްޓޭޝަން މެނޭޖަރު ހުސެއިން ފަޔާޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ބިއޮންޑްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، ބިއޮންޑް އިން ފުރި 43 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބިއޮންޑްގެ ފުރަތަމަ މަތިންދާބޯޓު، ބީ4091 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 35 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ބިއޮންޑް އަކީ ރާއްޖޭގެ ސިމްޑީ ގުރޫޕާއި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުނި، އަރަބެކްސް ގުޅިގެން އުފައްދާފައިވާ ލަގްޒަރީ އެއާލައިނެކެވެ. މި އެއާލައިނަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި އުފައްދާފައިވާ އެއާލައިނެކެވެ.
ޓާމިނަލް 1 އިން މިހާރު ވަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިން، އެއާ އަރަބިއާއަށް ހިދުމަތް ދޭން ފަށައިފައެވެ. އަދި ޓާމިނަލް 1 އަށް މި މަހުގެ ތެރޭގައި އިތުރު ހަތަރު އެއާލައިނެއް ބަދަލުކުރަން ވަނީ ނިންމައިފައެވެ.



