އަންނަ އަހަރުން ފެށިގެން ޙައްޖު ކޯޓާގެ ވަކި އިންސަތައެއް 65 އަހަރުން މަތީގެ މީހުންނަށް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރަކުވެސް ޙައްޖަށް މީހުން ގެންދިއުމަށް ޤައުމުތަކަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ކޯޓާ ދޫކުރައްވައެވެ. ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ޖާގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އިންސާފުވެރިކަމާއެކު ކޯޓާގެ ކަންކަން ތަރުތީބުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޚާއްސަ އުޞޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެގޮތުން މި އުޞޫލުތަކުގައި އަލަށް ޙައްޖަށްދާ ފަރާތްތަކަށް އިސްކަންދިނުމާއި ކޮންމެ ފަސް އަހަރަކުން ނޫނީ ތަކުރާރުކޮށް ޙައްޖަށް ނުދެވޭ ގޮތް ހެދުން ހިމެނޭކެމަަށް މިނިސްޓަރ ވިދާޅުވިއެވެ.
”އަދި އުމުރުން 65 އަހަރުން މަތީ މީހުންނަށް ވަކި އިންސައްތައެއް ކޮންމެ އަހަރަކު ކަނޑައެޅުމަށް ސަރުކާރުން ނިންމަވާފައިވޭ. މި އުޞޫލުތަކަށް އަންނަ އަހަރުން ފެށިގެން އަމަލުކުރަން ފެށޭނެ“ މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ޝަހީމް ވިދާޅުވީ، މި ކަންކަމުން ޙައްޖުގެ އާމިލުންނާއި ޚިދުމަތްތެރިންނާއި ސިއްޙީ މާހިރުން އިސްތިސްނާވާނެ ކަމަށާއި މި ބަދަލުތައް ރައީސް ގެންނަވާފައިވަނީ އިސްލާމީ ދުނިޔޭގައި މިކަމުގައި ޢަމަލުކުރަމުންދާ ފޮތް ބައްލަވާ ދިރާސާކުރެއްވުމަށްފަހު 5 ޖެނުއަރީ 2025 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން ކަމަށެވެ.




