މާލޭގައި ހުރި ދުވަސްވީ އިމާރާތެއްގެ ކޮންގްރީޓް ބައިތަކެއް ވެއްޓި ހަތަރު އުޅަނދަކަށް ގެއްލުންވެއްޖެއެވެ.
ވެއްޓިފައިވަނީ މާލޭގެ ބުރު ޕާކު ކައިރީގައި ހުންނަ، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) ކުރިން ހިންގި އިމާރާތުގެ ކޮންކްރީޓު ބައިތެކެކެވެ.
އެ އިމާރާތަކީ ބާވުމުގެ ސަބަބުން މިހާރު ބޭނުންކުރާ އިމާރާތެއް ނޫނެވެ. އެ އިމާރާތުގައި ގައުމީ ޔުނިވާސިޓީގެ އިސްލާމިކް ސްޓަޑީސް ފެކަލްޓީ ވެސް ކުރިން ހިންގައިފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވެފައިވަނީ، އީޑީސީ ކުރިން ހިންގި އިމާރާތުގެ ބައިތަކެއް ވެއްޓި ޖެހިގެންހުރި އިމާރާތަށާއި ޕާކް ކޮށްފައިހުރި 2 ސައިކަލަކާއި 2 ކާރަަކަށް ގެއްލުންވެފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 1:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މިހާދިސާއާ ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.



