ދިވެހި ސިނަމާއަށް ބަލާއިރު މިދުވަސްކޮޅު އެންމެންގެ ލޯތައްވެސް ހުއްޓިފައިވަނީ މިހާރު އޮލިމްޕަހުގައި ދައްކަމުންދާ ފިލްމު ”ލޯބިން…؟“ އަށެވެ.
ލައިޓްސްއައުޓްއާއި އައިފިލްމްސް އަދި އިންޖީނިއަސް ވިޝުއަލް ފެކްޓަރީ ޕްރޮޑަކްޝަނެއް ކަމަށްވާ މި ފިލްމު ރިލީޒްކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގައެވެ. އަދި އެދުވަހަށްފަހު މި ފިލްމު ވެގެންގޮސްފައިވަނީ، ބައެއް ކަންކަމާ ގުޅޭގޮތުން މިހާތަނަށް އެންމެ ގިނަ ބައެއްގެ ލޯތައް ހުޅުވިގެންދިޔަ އެއް ފިލްމަށް ކަމަށޭ ބުނުން ދޮގަކަށް ނުވާނެއެވެ.
ފިލްމުގައި ވަރަށް ހާމަަކޮށް ފެނިގެންދަނީ، މިހާރު ރާއްޖޭގައިވެސް އާންމުވަމުން އަންނަ ނުހަނު ނުރަނގަޅު އަދި އެހާމެ ހިތްދަތި ކަންތައްތަކެއްގެ މައްޗަށެވެ. އެކަންތައްތައް މި ފިލްމުގައި ހަރަކާތްތެރިވެފައިވާ ހުރިހާ އެކްޓަރުންވެސް ވަރަށް ފުރިހަމަކަމާއެކީގައި ދައްކުވައިދީފައިވެއެވެ.
”ލޯބިން…؟“ ގެ ރިވިއު ސްޕޮއިލަރަކާ ނުލާ ލިޔެލަން ނުހަނު އުނދަގޫނަމަވެސް، މި ފިލްމުގެ ފުރިހަމަ ރާހަތު ބެލުންތެރިންނަށް ކުރާނީ ފިލްމުގެ ކުރިނުމެރުމުން ކަމުގައިވާތީ، ފިލްމާ ބެހޭގޮތުން އިތުރު ވާހަކަތަކެއް ނުދައްކާ، މި ފިލްމުގައި ހަރަކާތްތެރިވެފައިވާ މުހިންމު ފަންނާނުންގެ އެކްޓިންގާ ބެހޭގޮތުން ދެތިން ބަހެއް ބުނެލާނަމެވެ.
ފާތިމަތު މައިޝާ އާދަމް (ތާތި)
ތާތި އަކީ މި ފިލްމުގެ ލީޑް އެކްޓަރެވެ. ގޮތަކަށް ބުނާނަމަ މި ފިލްމުގެ ހިތެވެ. ފިލްމީ ދާއިރާގައި އަދި ގިނަ ޕްރޮޖެކްޓުތަކުގައި އެކްޓަރެއްގެ ގޮތުން ހަރަކާތްތެރިވެފައި ނުވި ނަމަވެސް، މި ފިލްމުގައި ”ސިތާރާ (ތާރާ)“ ގެ ރޯލު ތާތި ކުޅެފައިވަނީ ވަރަށްވެސް ފުރިހަމަކޮށެވެ. އާދައިގެ ކުށެއް ނެތް އަންހެނެއްގެ މުޅި ދިރިއުޅުން ބަދަލުވެގެންދާ ގޮތާއި، ދިމާވާ ހާލަތުގެ ސަބަބުން ދެން ތާރާއަށް އައިސްފައި ހުންނަ ބަދަލު ވަރަށް ފުރިހަމައަށް ތާތި ދައްކުވައިދީފައިވެއެވެ.
އަހްމަދު ޝާރިފް
ޝާރިފްއަކީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ އެންމެ މޮޅު އެއް ފަންނާނޭ ބުނުން ދޮގަކަށް ނުވެއެވެ. ކޮންމެ ރޯލެއް އޭނާއަށް ދިން ކަމުގައިވިޔަސް ނުހަނު ފަސޭހަކަމާއެކީ އޭނާ އެ ރޯލެއް އަދާކޮށްލައެވެ. މި ފިލްމުގައި ”އަގީލް“ ގެ ރޯލުވެސް އޭނާ އަދާކޮށްފައިވަނީ ހަމަ އެހާމެ ފުރިހަމަކަމާއެކީގައެވެ. ތެދަށް ބުނާނަމަ، މި ފިލްމަށް އެންމެ ބޮޑު ފުރިހަމަކަމެއް ގެނެސްދީފައިވަނީ އަޅުގަނޑުގެ ނަޒަރުގައި ޝާރިފްގެ މޮޅު އެކްޓިންގެވެ. މި ފިލްމު ބެލި ގިނަ މީހުން ޝާރިފްގެ ރޯލުދެކެ އިންތިހާއަށް ނަފުރަތު ކުރުމަކީ އެކަމުގެ އެންމެ ބޮޑު ހެއްކެވެ.
އިފްނާޒް ފިރާގް
”ލޯބިން…؟“ ގައި އިފްނާޒް ކުޅެފައިވާ ”ޒިޔާދު“ ގެ ރޯލު ހަމަގައިމުވެސް ވަރަށް ލޯތްބެވެ. އެއީ އޭނާއާ ވަރަށް ގުޅޭ އަދި އޭނާގެ އަނބިމީހާ ތާތިއާ ދެމީހުންގެ ކެމިސްޓްރީވެސް ވަރަށް ފުރިހަމައަށް ދައްކުވާދީފައިވާ ރޯލެކެވެ.
އަހްމަދު ޝާކިރް (ޝާއްކޮ)
ޝާއްކޮ ކުޅެފައިވާ ގިނަ ފިލްމުތަކުން އޭނާ ފެނިފައިވަނީ މަޖާ މީހެއްގެ ގޮތުގައެވެ. ޠަބީޢަތުގައިވެސް މަޖާ މިޒާޖެއް ހުންނަ ޝާއްކޮ މި ފިލްމުގައި ކުޅެފައިވާ ”ޝަކީލް“ ގެ ރޯލު ވަރަަށްވެސް ތަފާތެވެ. އަދި ހަމަ އެހާމެ ފުރިހަމަވެސް މެއެވެ.
މި ފިލްމަކީ އެންމެ އަނދިރި ޖާގަތަކުގައި ތަޖުރިބާކުރާ ލޯބީގެ ކަންތައްތަކެއް ފެނިގެންދާނެ ލޯބީގެ ދިލްކަޝް ޑްރާމާއެކެވެ.
”މަޖުބޫރީ ހާލަތްތަކެއްގެ ސަބަބުން ހަށިވިއްކުމަށް މަޖުބޫރުވެފައިވާ ޒުވާން އަންހެނެއްގެ އަގު ޙަޤީޤަތުގައި ވަޒަންކުރާ ފިރިހެނަކާ ބައްދަލުވުމުން ހީވެސް ނުކުރާ ލޯތްބެއް، އެ ދެމީހުންގެ ދެމެދުގައި ފޮޅެން ފަށައެވެ. ނަމަވެސް ފައިސަލާ (ޙުކުމް)، ސިއްރުތަކާއި އަދި ދިރިތިބުމަށް ކުރާ މަސައްކަތުގެ ނަތީޖާއިން އެ ލޯބި ކާމިޔާބުކުރެވިދާނެ ހެއްޔެވެ؟“ ފިލްމާ ބެހޭގޮތުން އައިފިލްމްސް އިން ކުރިން ނެރެފައިވާ ކުރު ސިނޮޕްސިސްގައި ބުނެފައިވެއެވެ.




