ދައުލަތަށް ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު 182 މިލިއަން ރުފިޔާ މަދުން ލިބިފައިވާކަން ފިނޭންސް މިނިސްޓްރީން އާންމުކުރި މާލީ ހިސާބުތަކުން ދައްކައިފިއެވެ
އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ އޮގަސްޓު 7 އާ ހަމައަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 173.1 މިލިއަން ރުފިޔާއެވެ.
ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 355.1 މިލިއަން ރުފިޔާއާ އަޅާބަލާއިރު 182 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައި ވީނަމަވެސް، މިހާތަނަށް ލިބިފައިވާ 173 މިލިއަން ރުފިޔާއަކީ އަންދާޒާކުރި މިންވަރުގެ ކުޑަ ބައެކެވެ.
މިއާއެކު މާލީ ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ އޮގަސްޓު 7 އާ ހަމައަށް ދަރަނި ދެއްކުމަށް ޖުމުލަ 3.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 2.3 ބިލިއަނުގެ އިތުރުވުމެކެވެ.



