ރާއްޖޭގެ 10 ރަށެއްގައި ބިދޭސީންނަށް ޚާއްސަކޮށް ހެލްތް ކޭމްޕްތަކެއް އިންތިޒާމުކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަލުން އިއުލާންކޮށްފިއެވެ.
މިކަމަށްޓަކައި އެންމެ ފުރަތަމަ އިއުލާނު ކޮަށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ. ނަމަވެސް އެއިރު އެއްވެސް ބަޔަކު އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިއުލާން ބާތިލުކުރުމަށްފަހު އަލުން މިކަމަށް ޝައުގުވެރިވާ ބަޔަކު ހޯދުމަށް ވަނީ ހުޅުވައިލައިފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 88 އިންސައްތައަކީ ބިދޭސީންނެވެ.
ނަމަވެސް މި މަސައްކަތްތެރިންނަށް ސިއްހީ ޚިދުމަތްތައް ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހި، ގިނަ ބަޔަކު ދިރިއުޅެނީ ތޮއްޖެހިފައިވާ ތަންތަނުގައި ކަމަށްވުމުން، ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ. މިކަމުގެ ސަބަބުން ޓީބީ އާއި ފައިލޭރިއާ ފަދަ ބަލިތައް ފެތުރުމުގެ ނުރައްކާ ވެސް ބޮޑެވެ.
މިކޭމްޕްތަކުގެ މައިގަނޑު މަގުސަދަކީ މި މަސައްކަތްތެރިންނަށް ދިމާވާ ސިއްހީ މައްސަލަތައް ދެނެގަނެ، އެކަށީގެންވާ ފަރުވާ ދީ، ބަލިތައް ފެތުރުން ހުއްޓުވުމެވެ.




