ލ. ކައްދޫގައި ރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ތަހުގީގަށް މީހަކު ހައްޔަރު ކޮށްފިއެވެ.
ރޭގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގެ ސަބަބުން، އުމުރުން ދުވަސްވީ އަންހެނަކު ވަނީ ނިޔާވެފައެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އްޔަރުކުރީ ލ. ފޮނަދޫ، ހޯރަ ވިލާ، މުހައްމަދު ނައުސާން (37އ.) އެވެ. އޭނާއަކީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން މީހާއެވެ.
ފުލުހުން ވިދާޅުވީ، ނައުސާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.
ރޭ 7:30 ވާން އުޅެނިކޮށް އެ އެކްސިޑެންޓް ހިނގީ ކައްދޫ އެއާޕޯޓު ކައިރިން ކަފިހިހުރަހަކުން މަގުހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. ފިރިހެނަކު ދުއްވި އެ ސައިކަލު ޖެހުނީ އެ ވަގުތު ކަފިހިހުރަސް މަތިން ހިނގާފައި ދިޔަ އުމުރުން ދުވަސްވީ އަންހެނަކާއި އޭނާގެ މާމަ ދަރިއެއްގެ ގައިގަ އެވެ.
މި އެކްސިޑެންޓާ ގުޅިގެން ނިޔާވެފައިވަނީ ލ. މާވަށު، އެތުމާ / މަރްޔަމް މޫސާ (64އ.) އެވެ. އޭނާ ނިޔާވީ އެކްސިޑެންޓުގެ ސަބަބުން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.




