ފަލަސްތީނުގެ ޣައްޒާ ހިސޯރުކުރުމުގެ ރޭވުންތައް ޔަހޫދީ އިޒްރޭލުން ވަރުގަދަކޮށް، ޣައްޒާގެ އަލް-އަހްލީ ހޮސްޕިޓަލަށް ބޮން އަަޅައިފިއެވެ.
އިޒްރޭލުގެ އަސްކަރިއްްޔާއިން ވަނީ ގަދަބާރުން ޣައްޒާ ހިސޯރުކުރަން ނިންމައި، ޣައްޒާގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިން ދޫކޮށް އެހެން ޤައުމުތަކަށް ދާން މަޖުބޫރު ކޮށްފައެވެ.
އެގޮތުން އެ މަސައްކަތުގެ ތެރެއިން އަލް-އަހްލީ ހޮސްޕިޓަލަށް ހަމަލާ ދިނުމަށްފަހު ޔަހޫދީން މިހާރު ރާވަމުންދަނީ މިލިއަނަކަށްވުރެ ގިނަ ފަލަސްތީނުން ދިރިއުޅެމުންދާ ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުން އެމީހުން ގަދަބާރުން ނެރުމަށެވެ.
ހަމަލާ ދިނުމުގެ އިތުރުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ލިބުންވެސް ދަތިކޮށްފައެވެ. އެކަމުގެ ސަބަބުން ބަނޑުހައިހޫނު ކަމުގައި އެތައް ރައްޔިތުންނެއް ވަނީ މަރުވެގެން ގޮސްފައެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ފާއިތުވީ 24 ގަޑިއިރު ތެރޭގައި ޣައްޒާއިން 11 މީހަކު ވަނީ ބަނޑުހައި ހޫނުކަމުގައި މަރުވެފައެވެ. މި އަދަދާއެކު ބަނޑުހައިހޫނު ކަމުގައި ޣައްޒާއިން މަރުވި މީހުންގެ އަދަދު މިވަނީ 251 އަށް އަރާފައެވެ. އޭގެ ތެރޭގައި 108 ކުޑަކުދިންވެސް ހިމެނެއެވެ.




