ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ)ގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލައިފިއެވެ.
އަޑުބަރޭގެ މައްޗަށް އުފުލާފައިވަނީ އަނިޔާދިނުމާއި މުދަލަށް ގެއްލުންދިނުމާއި މީހަކަށް އަނިޔާއެއް ލިބިދާނެ ފަދަ ކުށެއްކޮށްފާނެ ނުވަތަ ބިރުދެއްކުމުގެ ދައުވާއެވެ.
އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވީނަމަވެސް، ދައުވާ ކުރަން ނިންމާފައިވަނީ ކޮން މައްސަލައަކާ ގުޅިގެންކަން އެނގިފައެއް ނުވެއެވެ.
އަސްހަދު ނުވަތަ އަޑުބަރޭ އަކީ ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރަން ޖާމިނުވި މީހާ އެވެ. އޭނާ ޝަރީއަތަށް ހާޒިރުކޮށް ނުދީގެން 15 ދުވަހަށް އަޑުބަރޭ ކުރިން ޖަލަށް ވެސް ލިއެވެ. އޭރު އޭނާ ހުރީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އެ ހުކުމް ތަންފީޒުކޮށް އޭނާ މިނިވަންވީ މާޗު 6، 2022 ގައެވެ.




