ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރާއި ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.
“ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރަކީ، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ވަރުގަދަގުޅުން ދައްކުވައިދޭ ރަމްޒެއް“ ރައީސް ވިދާޅުވިއެވެ.
ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ އަދި ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.



