މަސްވެރިކަމުގެ އިންޓާންޝިޕް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމާ ބައިވެރިވާން ހުޅުވާލާފައިވާ ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތުދެވޭނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ 5 ޒުވާނަކަށެވެ.
މި ތަމްރީން ޕްރޮގްރާމްގެ ބޭނުމަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމުގެ ދާއިރާއާއި ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ކަމާގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހި ކޮށްދިނުން ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މިއީ ވާލްޑު ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބު އުސް ކެޔޮޅުންގެ ފަރާތުން ބައިވެރިންނަށް ލިބޭނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މި ތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު އައިޑީ ކާޑުގެ ކޮޕީ އަކާއިއެކު transform.procurement@fisheries.gov.mv މެއިލްއަށް ޢީމެއިލް ކުރުމަށް ވަނީ ހުޅުވާލާފައެވެ.




