ފުލުހުންގެ ބަންދުގައި ހުރި މީހަކު ހާލު ދެރަވެގެން މިއަދު ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުގައި ހުރި ގ. ޒާމިއާ / މާލެ، އަޙްމަދު އަފްރާޙް (48އ) ގެ ހާލަތު މިއަދު ފަތިހު 05:50 ހާއިރު ބެލިއިރު، އޭނާގެ ހަރަކާތް ހުއްޓިފައިވާކަމަށް ފާހަގަ ކުރެވުމާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
އަޙްމަދު އަފްރާޙް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ 2025 އޮގަސްޓް 15 ވަނަ ދުވަހު އެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
މީގެއިތުރުން މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާނެ ކަމަށާއި އަދި މި ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ކުރިއަށް ގެންދަމުންދާ ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.




