ރައްޓެއްސެއްގެ ބަރަހަނާ ވީޑިއޯ ލީކުކުރާނެ ކަމަށް ބުނެ އޭނާ ބްލެކްމެއިލް ކޮށްގެން ފައިސާ ހޯދި މީހަކު ޖަލަށްލާން ހުކުމް ކޮށްފިއެވެ.
މިއީ ރާއްޖޭގެ އުތުރުގެ ރަށަކަށް ނިސްބަތްވާ ފިރިހެނަކު އޭނާއާ އެކީ މަސައްކަތް ކުރާ ރައްޓެހި އެހެން ފިރިހެނެއްގެ ބަރަހަނާ ވީޑިއޯ ބޭނުންކޮށްގެން އޭނާ ބްލެކްމެއިލް ކޮށްފައިވާ މައްސަލައެކެވެ. އެ ފިރިހެން މީހާ ވަނީ އޭނާގެ ރައްޓެހި މީހާއަށް ބްލެކްމެއިލްކޮށް، ގިނަ އަދަދެއްގެ ފައިސާ އޭނާ އަތުން ނަގާފައެވެ.
މި މައްސަލައާ ގުޅިގެން، ދައުލަތުން ދެ ދައުވާއެއް އެ މީހާގެ މައްޗަށް އުފުލާފައިވެއެވެ. އެއީ، ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެއްގުޅުމުގެ ކުށުގެ ދައުވާ އެ މީހާގެ މައްޗަށް އުފުލާފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ވީޑިއޯ ކޯލެއްގެ ސްކްރީން ރެކޯޑް ބޭނުންކޮށްގެން އޭނާގެ ރައްޓެއްސެއް ބްލެކްމެއިލް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން އޭނާގެ ފޯނު ހިފަހައްޓައި ބެލިއިރު، ފޯނުން އޮރިޔާން މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ ފެނިގެންނެވެ.
އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އުފުލާފައިވަނީ އޭނާގެ ރައްޓެހި މީހާގެ އޮރިޔާން މަންޒަރުތައް ދައްކައިދޭ ވީޑިއޯ ލީކުކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން އެކި ފަހަރު މަތިން 13500 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެންނެވެ. ބިރު ދައްކައިގެން މި މީހާ ފައިސާ ޖަމާކުރުވާފައިވަނީ އޭނާގެ އަންހެނުންގެ އެކައުންޓަށެވެ.
ދައުލަތުން ދައުވާ ކުރި މި ދެ މައްސަލައަށްވެސް ދައުވާ ލިބުނު މީހާވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އެހެންކަމުން ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
މި ދެ މައްސަލައިގެ ތެރެއިން އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެ މި މީހާގެ މައްޗަށް އިއްވާފައިވަނީ، ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެވެ. އެކަމަކު، އެ އަދަބު ލުއިކޮށް، ފަސް މަހާއި ހަ ދުވަހުގެ ގޭ ބަންދަކާއި، 24،000 ރުފިޔާގެ ޖޫރިމަނާއެއްގެ އިތުރުން 480 ގަޑިއިރު މުޖްތަމައަށް ހިދުމަތް ކުރުމަށްވަނީ ބަދަލުކޮށްފައެވެ.



