މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް މަނިޔަފުށީގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ދީފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ޣާޒީ ސްކޫލާއި މުޙްޔިއްދީން ސްކޫލުގެ މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް މެރިން ސައިންސްއާއި ގުޅޭ މައުލޫމާތުދީ އެކުދިންނަށް އެކަމުގެ އަމަލީ ތަޖުރިބާ ކުރުމުގެ ފުރުސަތު މަނިޔަފުށި މެރިން ރިސާޗް ސެންޓަރުން ދީފައިވާ ކަމަށެވެ.
ޣާޒީ ސްކޫލާއި މުޙްޔިއްދީން ސްކޫލުގެ މެރިން ސައިންސް ދަރިވަރުން ވަނީ މި ހަފްތާ ބަންދުގައި މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީއަށް ޒިޔާރަތްކޮށްފައެވެ.
މި ޒިޔާރަތުގައި ދަރިވަރުންނަށް މަސްވެރިކަމާއި އީކޯސިސްޓަމް ދިރާސާ ޕްރޮގްރާމްތަކުގެ މުހިންމުކަމާ ބެހޭގޮތުން ވަނީ މައުލޫމަތު ދީފައެވެ.
އަދި އަމަލީ ގޮތުން ދިރޭ ކާނާ އާލާކުރާ ލެބްގެ މަސައްކަތްތައް ހިނގާގޮތާއި ދިރޭކާނާ އާލާ ކުރާގޮތުގެ މައުލޫމާތުވެސް އެ ކުދިންނަށް ވަނީ ދީފައެވެ.
މީގެ އިތުރުން، މަނިޔަފުށީގައި ކުރިއަށްގެންދާ އެކިއެކި މަޝްރޫޢުތަކާ ބެހޭ ތަފްޞީލީ މަޢުލޫމާތު އެ ދަރިވަރުންނާ ހިއްސާކުރިއެވެ.
ދަރިވަރުންނަށް މި ދަތުރުގައި އެ ތަނުގައި ޤާއިމުކޮށްފައިވާ މެރިކަލްޗަރ ވަސީލަތްތައް ތަޖުރިބާކުރުމުގެ ފުރުޞަތުވެސް ފަހިކޮށްދީފައިވެއެވެ.


