ގިނަ ފަހަރަށް އިންޝުއަރެންސް ކުންފުނިތަކުން އިންޝުއަރެންސްކުރާ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ނުދީ އޮންނަ ކަމަށާއި، އެހެންކަމުން އެ މީހުންގެ ހައްގަށް ވަރަށް ބޮޑަށް އުނިކަން ލިބޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިންޝުއަރެންސް ބިލް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މިއަދު ބަހުސްކުރައްވަމުން ފަލާހް ވިދާޅުވީ ބޭސްފަރުވާ ފަދަ އެކިއެކި ކަންކަމުގައި އިންޝުއާކުރާއިރު އިންޝުއަރެންސްގެ ޚިދުމަތްދޭ ކުންފުނިތަކުން ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން އިންޝުއަރެންސް ކުންފުނިތަކުން ޚިދުމަތް ލިބިގަންނަ މީހުންގެ ހައްގުތަކަށް ބައެއް ފަހަރު އުނިކަން އަންނަ ކަމަށް މެންބަރު ފަލާހް ވިދާޅުވިއެވެ.
”ވަރަށް ގިނަ ފަހަރު އިންޝުއަރެންސް ކުންފުނިން މި އޮންނަނީ އެ ފަރާތަށް ލިބެންޖެހޭ ހައްގުން ބޯ ދަމައިގަތުމުގެ ގޮތުން ކޮންމެވެސް ބަހަނާއެއް ދައްކައިފައި އޭގެ ތެރެއިން ސަލާމަތްވެގެން ގޮސްފައި، އެހެން ނަމަވެސް އެ ގެއްލުން ލިބޭ ފަރާތަށް އޭގެ ބަދަލު ނުލިބި ދާކަން ފާހަގަކުރެވޭ،“ އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވިއެވެ.
މިދިޔަ ހަފުތާ ބަންދުގައި ބޭއްވި މާލިއްޔަތު ކޮމިޓީން ނިންމީ އިންޝުއަރެންސް ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ތޯރިގު ހުށަހެޅުއްވި މި ބިލުގެ ކޮމިޓީ މަރުހަލާ ނިންމައި ތަޅުމަށް ފާސްކުރަން ފޮނުވީ ބިލު ކޮމިޓީއަށް ދިރާސާކުރަން ފޮނުވިތާ އަހަރެއް ފަހުންނެވެ.



