އދ. ކުނބުރުދޫގައި ގާއިމު ކުރާ ޕޮލިސް ޕޯސްޓް އިމާރާތް ކުރުމުގެ މަޝްރޫއުއަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެ ރަށަށް ފޮނުވައިފިއެވެ.
މިކަމާ ގުޅޭގޮތުން އާރްޑީސީން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުނބުރުދޫގައި ގާއިމު ކުރާ ޕޮލިސް ޕޯސްޓް އިމާރާތް ކުރުމުގެ މަޝްރޫއުއަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް އެ ރަށަށް ފޮނުވައި އަދި އަންލޯޑް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުނބުރުދޫގައި ޕޮލިސް ޕޯސްޓެއް އިމާރާތް ކުރުމުގެ އިތުރުން އާރްޑީސީން ވަނީ އެރަށުގެ ފުޓްބޯޅަ ދަނޑު އިތުރަށް ބޮޑުކޮށް، ނުނިމިހުރި މަސައްކަތްތައް ނިންމުމުގެ މަސައްކަތް ވެސް ފަށާފައެވެ.
މި މަސައްކަތް އާރްޑީސީން ފެށީ މިއަހަރުގެ އޭޕްރިލް މަހުގައެވެ.



