މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ”ޕޭމަންޓް މޯލްޑިވްސް“ ކުންފުނި އުފެއްދުމަށް މަގުފަހިކޮށްދީ ބާރު ދިނުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީ އަށް ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގް އެވެ.
މިއީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހެކެވެ.
އެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ވޯޓުންނެވެ.
މި އިސްލާހުގެ ދަށުން ޕޭމަންޓު ސިސްޓަމްތައް ހިންގުމަށާއި ޕޭމަންޓު ހިދުމަތްތައް ދިނުމުގެ ބޭނުމަށް ގާނޫނީ ޝަހުސުތައް އުފެއްދުމުގެ ބާރު އެމްއެމްއޭއަށް ލިބޭނެއެވެ.
އަދި މި އިސްލާހުގެ ދަށުން އެމްއެމްއޭއަށް ޕޭމަންޓް ސިސްޓަމެއް ހިންގުމަށް ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ޖޮއިންޓް ވެންޗާއެއް އުފެއްދުމުގެ ބާރު ލިބޭނެއެވެ.
މި އިސްލާހަށް އަމަލުކުރަން ފަށާނީ މި ބިލު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.




