ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ފަސް ލޯންޗު، މިއަދު ސަރުކާރާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ކ. ދޫނިދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ފަސް ލޯންޗު ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީންއާ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ. އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޖަޕާން ސަރުކާރުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ސީޕީ ނަވީން ވަނީ ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައިފައެވެ.
ސީޕީ ނަވީން ވިދާޅުވީ އެ އުޅަނދުތައް ހިދުމަތަށް ނެރޭއިރު، ރައްޔިތުންގެ މަސްލަހަތު ހުރި ކަންކަމަށް ޕްރޮފެޝަނަލް ކަމާއެކު ބޭނުންކުރާނެ ކަމަށެވެ.
ޖަޕާނުގެ ސަފީރު ވިދާޅުވީ އެ އުޅަނދުތަކުގެ ބޭނުމަކީ މެރިން ޕޮލިސްގެ ގާބިލްކަން އިތުރުކޮށް، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމަށް އެހީތެރިވެދިނުން ކަމަށެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން، ދިވެހި ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލްކަން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.




